ޓެކާރސް ފުޓްސަލް ޗެމްޕިއަންޝިޕް މޯލޑިވްސް ކަޕުގެ ނ. އަތޮޅު މުބާރާތުގެ ރަނަރއަޕް ޓީމް ގެ މަޤާމް ހޯދި، ޅޮހީގެ ފުޓްސަލް ޓީމަށް މަރުޙާބާ ކިޔަމެވެ. މި މުބާރާތަކީ، ކުޅިވަރިގެ ފޯރި ރަށުގައި އިތުރުވެ، އިޖްތިމާޢީ ރޫހް އާލާވެގެން ދިޔަ މުބާރާތެއް ކަން އުފަލާއެކު ފާހަގަ ކޮށްލަމެވެ. 8 އަހަރުގެ ދިގު މުއްދަތަކަށްފަހު، އަތޮޅު ފެންވަރުގެ މުބާރާތެއްގެ ފައިނަލުން ޖާގަލިބުމަކީ ހީނަރުވަމުން ދިޔަ ފުޓްބޯޅައިގެ ފޯރި އިތުރުވެ، އިޖްތިމާޢީ ރޫހް އާލާވެ ޒުވާނުންނަށް ހިތްވަރެއް ލިބިގެން ދިޔަ ކަމެކެވެ.
މި މުބާރާތުގެ ފުރަތަަ މެޗުގައި ބައްދަލު ކުރީ ކުޑަފަރީ ފްޓްބޯޅަ ކުަލަބާއި ޅޮހީ ފުޓްބޯޅަ ކުލަބެވެ. މި މެޗް 5-4 ން ކާމިޔާބުކުރީ ޅޮހީ ފުޓްބޯޅަ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ ޅޮހީ ފުޓްބޯޅަ ޓީމާއި މަނަދޫ ފުޓްބޯޅަ ޓީމެވެ. މި މެޗް 6- 2 ކާމިޔާބުކުރީ ޅޮހީ ފުޓްބޯޅަ ޓީމެވެ. މި މުބާރާތުގެ ޅޮހީ ހިމެނޭ ގްރޫޕުގެ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދަތުރުކުރީ ޅޮހީ ފުޓްބޯޅަ ޓީމެވެ.
މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރީ ޅޮހީ ފުޓްބޯޅަ ޓީމާއި މާފަރު ބޯޅަ ޓީމެވެ. ވަރަށް ފޯރިގަދަ، އަދި އެހާމެ ރީތި ކުޅުމެއް ފެނިގެން ދިޔަ މި މެޗް 4-2 ން ކާމިޔާބުކުރީ މާފަރު ފުޓްބޯޅަ ޓީމެވެ.
މި މުބާރާތުގެ ފަހުރުވެރި ގިނަ ވަނަތައް ލިބިގެން ދިޔައީ ޅޮހީގެ ކުޅުންތެެރިންނަށެވެ. މިގޮތުން ގްރޫޕް ސްޓޭޖްގައި ކުޅުނު 2 މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޅޮހީ ފުޓްބޯޅާ ޓީމްގެ ޖާޒީ ނަންބަރ 4 މުޙައްމަދު ރިމާޙް އެވެ. މި މުބާރާތުގެ އެންމެ މޮޅު ޔަންގް ޕްލޭޔަރ އަކަށްވެސް ހޮވިފައިވަނީ މުޙައްމަދު ރިމާޙް އެވެ.
މުބާރާތުގެ އެންމެމޮޅު 5 ކުޅުންތެރިޔާގެ މަޤާމަށް ޅޮހީ ޓީމުގެ 3 ކުޅުން ތެރިން ހޮވިފައި ވެއެވެ. އެއީ އަލީ އަކްޝަމް (10) އާއި، އަލީ އިބްރާހީމް ދީދީ (13) އާއި މުޙައްމަދު ރިމާޙް(4) އެވެ.
މި މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޅޮހީ ކައުންސިލަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ޓީމްގެ ކެއުމާއި އިންޓަވަލް އަދި ޖާޒީތައް ދޮވެ ގަޑިންގަޑިއަށް ފޯރުކޮށް ދިން ކަމަށްޓަކައި ޅޮހީ އަންހެނުން ކުރިއަރުވާ ކޮމެޓީގެ އެންމެހާ މެންބަރުންނަށް ޝުކުރު ދަންނަވަމެވެ. މުބާރާތުގެ ޓާސްކް ފޯސް އަށާއި، މުބާރާތުގެ މީޑިއާ ޓީމު އަދި މުބާރާތުގެ މެނޭޖްމެންޓާއި، ކޯޗް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ވަރަށް އިޙްލާސްތެރިކަމާ އެކު ޝުކުރު ދަންނަ ވަމެވެ.